WELLCOME

Ramadan Karim Greetings To All

Tuesday, August 18, 2009

ފަޟީލަތުއްޝައިޚް އަލްޙާއްޖު ޢަބްދުއްރަޙުމާން: އިސްލާމިކް ފިލޯސަފީއަށް އަރާހުންނެވި ބޭފުޅެއް

ފަޟީލަތުއްޝައިޚް އަލްޙާއްޖު ޢަބްދުއްރަޙުމާން އަލްއަޒުހަރީ އައްޝައިޚުލް ޙާއްޖު އަބްދުއްރަހުމާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ މީލާދީ ސަނަތުން 1875 ވަނަ އަހަރު އައްޑޫ މީދޫގައެވެ. އަބްދުއްރަހުމާނުގެ ބައްޕައަކީ އައްޑޫ މީދޫ ވަށޮދިޔަގެ އަލްމުއައްލިމު އަލީ އެދުރުއެވެ. ނުވަތަ މަޝްހޫރު ލިޔާ މާލިމީ (ވަށޮދިޔަގެ މާލިމީ) އެވެ. ވަށޮދިއަގެ މާލިމީއަކީ ދިވެހި ރާއްޖޭގެ ދެކުނުގައިތިބި އަތު ލިޔުން ރީތި މީހުންގެ ތެރެއިން ޢަރަބި ތާނަ އަށް އެންމެ މަޝްހޫރު އެއް ފަންނާނެވެ. މީނާގެ އަތުން ލިޔެފައިވާ ކީރިތި ޤުރްއާނުގެ މުޞްހަފެއް ޤައުމީ ކުތުބުޚާނާގައި ވަރަށް ފަހަކާޖެހެންދެން ވެސް އޮތެވެ. އަބްދުއްރަހުމާނަކީ އޭނާގެ ބައްޕަ ވެސް ފަދައިން ވަރަށް ރީތި ކޮށް ލިއުއްވި ބޭފުޅެކެވެ.

އަބްދުއް ރަހްމާނު ދެ ކައިވެނި ކުރެއްވިއެވެ. ފުރަތަމަ ކައިވެނި މީދޫ ކުއްދީދީގެ ފާތުމަތު ދީދީ އާއި އެވެ. ދެން އަބްދުއްރަހުމާނު ކައިވެނި ބެއްލެވީ މިސްރުގެ އަންހެނަކާއި އެވެ. މިދެންނެވި މިސްރު ސިއްތީގެ ބަނޑުފުޅުން ލިބިވަޑައިގަތީ ދެ ބޭފުޅުންނެވެ. އޭގެތެރެއިން ހަގަށް ހުންނެވި ދަރިކަނބަލުން ވަނީ އެބޭފުޅުން ރާއްޖެއިން މިސްރަށް އެނބުރި ވަޑައިގެންނެވިތަނާހެން ދިމާވި އެކްސިޑެންޓެއްގައި އަވަހާރަވެފައެވެ. ދޮށްޓަށް ހުންނެވި ދަރިކަލުން އަބްދުލް އަޒީޒުގެ އާއިލާ މިސްރުގެ ގާހިރާގައި އެބައޮތެވެ.

އަބްދުއްރަހުމާނު އެންމެ ފުރަތަމަ ކިޔަވައި ވިދާޅުވީ އުފަން ރަށް މީދޫއިންނެވެ. ރަށުގައި އަބްދުއްރަހުމާންގެ އިސް އުސްތާޒަކީ މުޅި ދިވެހިރާއްޖެ އަށް މަޝްހޫރު އަލްޢައްލާމަތުލްފަޤީހުލްޙާފިޡް އިބްރާހިމް ތަކރުފާނުއައިސާބީގެދަރު ދޮންބެއްޔާ އެވެ. ރަށުން އެދުވަސްވަރު ލިބޭން ހުރި އިލްމެއް ހާސިލް ކުރެއްވުމަށް ފަހު ތައުލީމީ ދައުރު ނިންމާލެއްވީ މިސްރުންނެވެ. މިސްރުގެ މަޝްހޫރު ޖާމިއުލް އަޒުހަރުން (އަޒްހަރު ޔުނިވަސިޓީން) ތަޢުލީމު ޙާޞިލުކުރައްވައިގެން އެންމެ ފުރަތަމަ ރާއްޖެ ވަޑައިގެންނެވި ދިވެއްސަކީ އަބްދުއްރަހުމާންއެވެ. އޭނާއަކީ ވަރަށް ދޫ ފަސޭހަ ބަލާޣާތްތެރި މުޤައްރިރެކެވެ. ޢިލްމުލް ކަލާމް (އިސްލާމިކް ފިލޯސަފީ) އަށް އަރާހުންނެވި ބޭފުޅެކެވެ. ޢިލްމުލް މަންތިޤު (ލޮޖިކް) ދެނެވަޑައިގަންނަވާ ބޭފުޅެއްވެސް މެއެވެ.

ޝައިޚް އަބްދުއްރަހުމާނަކީ އަޒުހަރު ޔުނިވަރސިޓީގެ އޭރުގެ ޢިލްމުވެރީން ވެސް އިއުތިރާފްވެވަޑައިގަންނަވާ ވަރަށްބޮޑު ޢިލްމުވެރިއެކެވެ. މިޞްރުގައި ހުންނަވާފައި ރާއްޖެއަށް އެންމެފުރަތަމަ އެނބުރި ވަޑައިގަތްއިރު އަޒްހަރުން ޝަހާދާ ޢާލިމިއްޔާ (ޑިގްރީ) ނަންގަވާފައިވެއެވެ. ލިޔުންތަކުން އެނގޭ ގޮތުގައި ބޭރު ޤައުމެއްގެ ޔުނިވަރސިޓީ އެއްގައި މަތީ މަޤާމެއް ފުރުއްވި ފުރަތަމަ ދިވެއްސަކީ އަބްދުއްރަހުމާނެވެ. އަދި ރާއްޖޭގެ ފުރަތަމަ ޑިގްރީ އިލްމުވެރިޔަކީ ވެސް އަބްދުއްރަހުމާނެވެ.

އަބްދުއްރަހުމާން ރަށުން މާލެއަށް ވަޑައިގެންނެވީ 1904 ވަނަ އަހަރުއެވެ. އޭގެ ދުވަސްކޮޅެއް ފަހުން މުޙައްމަދު ޝަމްސުއްދީނުގެ ރަސްކަމުގައި ވެދުމުގެ ފަތްކޮޅު ހިއްޕަވައިގެން އަޙުމަދު ކުޑަދޮށިމޭނާ ކިލެގެފާނު 1905 ވަނަ އަހަރު ސިލޯނަށް ވަޑައިގަންނަވަމުން އަރިހުގައި އަބްދުއްރަހުމާނު ގެންދެވިއެވެ. ބޭނުންފުޅަކީ، އަލްޤާޟީ ޢަބްދުލް ޙަކީމުގެ ދަރިވަރު، އައްޝައިޚުލް އައްލާމާ ޢަލީ އެދުރު ތަކުރުފާނު ހެއްދެވި ޒުހުރުލް ކަމާލާތު ނުވަތަ މުޅިރާއްޖެއަށް މަޝްހޫރު ބޮޑުތަރުތީބު ހަލާކުވެ ރާއްޖެއިން ނެތި ހިނގައިދާނެކަމުގެ ބިރު ހީވުމުން އެފޮތް އަލުން ޗާޕުކުރެއްވުމެވެ.

މިގޮތުން ފޮތް އަލުން ލިޔާނެ މީހެއްގެ ގޮތުގައި އަބްދުއްރަހުމާނު ގެންދެވުނެވެ. އެއައްފަހު އައްޝައިޚު މަލިމް މޫސާކަލޭގެފާނާއި ޢަބްދުއްރަޙުމާނު އާއި ދެބޭކަލުން ސިލޯނުން ބަންގާޅަށް ވަޑައިގެން ބަންގާޅުގެ މެހެންދީބާޢު ކިޔާއަވަށުގައި ބޮޑުތަރުތީބު ޗާޕްކުރެއްވުމުގެ މަސައްކަތް ފެއްޓެވިއެވެ. މިދަތުރުގައި ބޮޑުތަރުތީބުގެ އިތުރުން އެހެނިހެން ވެސް ފޮތްތައްވެސް އަބްދުއްރަހުމާނު ޗާޕުކުރެއްވި ކަމުގައިވެއެވެ. ޗާޕުގެ މަސައްކަތް ނިމުމުން މިޞްރުގެ ޖާމިޢުލް އަޒުހަރަށް ޢަރަބި ކިޔަވަން ދެވޭނެ ގޮތެއް ހަމަޖައްސައި ދިނުމަށް އަބްދުއްރަހްމާނު މަލިމް މޫސާކަލޭގެފާނުގެ އަރިހުގައި ދެންނެވިއެވެ. މިވާހަކަ މަލިމް މޫސާކަލޭގެފާނު އަޙުމަދު ކުޑަދޮށިމޭނާ ކިލެގެފާނަށް ދެންނެވުމުން ކިލެގެފާނު އެންގެވީ ޢަބްދުއްރަޙުމާނު މިޞްރަށް ދެވި އެތާނގައި ހަމަޖެހޭނެހައި ޚަރަދު ދިނުމަށެވެ. މިގޮތުން މިދަތުރަށް ބޭނުންވާނެކަމަށް ލަފާކޮށް 300 ރުފިޔާ މަލިމް މޫސާ ކަލޭގެފާނު ދެއްވިއެވެ. ޢަބްދުއްރަޙުމާނު މިޞްރާ ހަމައަށް ވަޑައިގަތީ 1906 ވަނައަހަރުއެވެ. މިއަށްފަހު 15 އަހަރުފަހުން 26 ޑިސެމްބަރ 1912 ގައި އެނބުރި ރާއްޖެވަޑައިންނެވިއެވެ.

އަބްދުއްރަހުމާން އޭނާގެ އަމިއްލަ ފޮތްތައް ވެސް ލިޔުއްވިއެވެ. މީގެތެރޭގައި ތައުޙީދުގެ ޢިލްމު ފޮތަކާއި ޢަޤީދާގެ މައްޗަށް ލިއުއްވިފޮތަކާއި ޢަރަބިބަސް އުނގަންނައިދިނުމަށް ލިޔުއްވި ފޮތެއް ހިމެނެއެވެ. އެދުވަސްވަރުގެ ސިޔާސީ އަދި އިޖުތިމާއީ އޮއިވަރު ހުރިގޮތުން މިއިން އެއްވެސްފޮތެއް ރާއްޖޭގައި ޝާއިޢު ކުރެވިފައި ނެތަސް އަބްދުއްރަހުމާނުގެ އެއްބަފާ ޙަސަންމަނިކާ އަތުގައި މީގެ ބައެއް ފޮތްތައް ހުއްޓެވެ. އަދި މާލެ އަތޮޅާއި އަރި އަތޮޅުގެ ބައެއް މީހުންގެ އަތުގައިވެސް ބައެއްފޮތްތައް ހުރިކަމަށްވެ އެވެ. އަބްދުއްރަހުމާނުގެ ދީނީ އަދި ސިޔާސީ ނަޒަރިއްޔާތާއި ސަރުކާރުގެ ނަޒަރިއްޔާތު ދިމާނުވެގެން އޭނާ ކުށްވެރިވިކަމަށް ވިއަސް އޭނާއަކީ ދީންވެރި ތަވާޟުޢުވެރި ޒާހިދު ހިތްހެޔޮ މިޒާޖުގެ ބޭފުޅެކެވެ.

ރާއްޖެވަޑައިގެން ރަށުގައި ހުންނަވަނިކޮށް ދާދިއަވަހަށް ދައުލަތުގެ ފަރާތުން އަބްދުއްރަހުމާނު މާލެ ގެނެސް 11 ޖޫން 1922 ވަނަ އަހަރު ސަރުކާރުގެ ބޮޑު ނާކޮޅު އަޠިއްޔަތުއް ރަޙުމާނު ގައި ރާއްޖެއިން ފޮނުވާލެއްވިއެވެ. އަބްދުއްރަހުމާނުގެ މި އަރުވައިލުމަކީ ވަރަށް ތާރީޚީ އަރުވައިލުމެކެވެ. މިއީ ދިވެއްސަކު އެއްވެސް ސަބަބަކަށްޓަކައި ސަރުކާރުގެ ފަރާތުން ގައުމުން ބޭރުކޮށް އަރުވައިލި ފުރަތަމަ ފަހަރެވެ. ރާއްޖޭގެ ރަށަކަށް އޭނާ އަރުވާނުލައި އޭނާ ވަޑައިގަންނަވާނެ ގައުމަކަށް ވަޑައިގަތުމުގެ ފުރުސަތު ސަރުކާރުން ދިނީ އިލްމުވެރިންނަށް ދިވެހިންކުރާ އިހުތިރާމެއްގެ ބޮޑުކަމުން އޭނާއާ ދޭތެރޭ އިހާނެތި ގޮތަކަށް ކަންތައް ކުރަން ޖެހިލުން ވެގެންނެވެ.

އަބްދުއްރަހުމާން އަރުވައިލާން ޖެހުނު ސަބަބުތަކާ މެދު ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވެއެވެ. އެންމެ ބޮޑަށް ގަބޫލު ކުރެވޭ ގޮތަކީ އުފަން ރަށުގައި އޮތް ބޭފުޅިޒަމްގެ އުސޫލްތަކާ ދެކޮޅަށް އަބްދުއްރަހުމާން ވާހަކަފުޅު ދެއްކެވުމާއި އަބްދުއްރަހުމާނަކީ އާއިލީ ގޮތުން ރަށުގެ ބޮޑަކަށް ނުވެފައި ކުއްލިއަކަށް ބޮޑު އިލްމުވެރިއެއްގެ ގޮތުގައި ވަޑައިގަތުމުން ރަށުގެ ވެރިންނަށް އެކަން ހަޖަމު ނުކުރެވި ސަރުކާރުގައި ޝަކުވާ ދެންނެވުމެވެ. އޭގެ އިތުރުން އަބްދުއްރަހުމާންގެ ސީދާ ސާދާ ވާހަކަފުޅު ދެއްކެވުންތަކަކީ އެދުވަސްވަރު ސިޔާސީ ގޮތުން ސަރުކާރަށް ނުރައްކަލެއް ކަމަށް ސަރުކާރުގެ ވެރިންނަށް ގަބޫލު ކުރެއްވުމެވެ. މީގެ އިތުރަށް އައްޑުއަތޮޅަށް ވަޑައިގެންނެވުމުގެ މަގުމަތީގައި ހުވަދު އަތޮޅުގެ ބައެއް ރަށްރަށުގައި އަބްދުއްރަހުމާން ދީނީ ތަގްރީރު ދެއްވިއިރު ސަރުކާރުގެ ބައެއް އެންގެވުންތަކާ ފުށުއަރާ ވާހަކަތައް ވިދާޅުވުމަކީ ވެސް އޭނާ ކުށްވެރިވުމަށް މެދުވެރިވި ސަބަބެއް ކަމަށް ބުނެވެއެވެ.

މި ސަބަބުތަކެއް ހިމެނިގެން އަމިއްލަ ގައުމުން ފައްސައިލެވުނު ފުރަތަމަ ދިވެއްސަކަށްވުމުގެ ތާރީޚީ ލަގަބާއެކު ޢަބްދުއްރަޙުމާނު ވަޑައިގަތީ އަނެއްކާވެސް މިޞްރަށެވެ. މިޞްރުގައި ހުންނަވާފައި ދެވަނަ ފަހަރަށް ރާއްޖެ ވަޑައިގަތީ 1933 ވަނަ އަހަރުގެ ޖުލައި މަހު 12 ވަނަ ދުވަހުއެވެ. އެދުވަސްވަރަކީ ޝަމްސުއްދީން ރަދުންގެ ރަސްކަމުގެ ބާރު ކުޑަވެ އަތިރީގޭ ޚާންދާނުގެ ވަޒީރުންގެ ބާރު އެންމެ ގަދަވެފައި އޮތް ދުވަސްވަރެވެ. ވެރިކަން ނުހަނު ހަލަބޮލިވެފައި އޮތް ދުވަސްވަރެކެވެ. މިފަދަ ދުވަސްވަރެއްގައި އަބްދުއްރަހުމާން ރާއްޖެވަޑައިގަތީ މިސްރުން ކައިވަންޏެއްވެސް ކުރައްވައިގެން އަނބިކަމަނާއާއި ތުއްޕުޅު ދެ ބޭފުޅުންނާވެސް އެކުގައެވެ.

ކަންދިމާކުރިގޮތުން އަތިރީގޭ ޚާންދާނުގެ އެންމެ ބާރުގަދަ އެއް ވަޒީރު ކަމަށްވާ ޙަސަން ފަރީދުދީދީ އާއި އަބްދުއްރަހުމާނާ ދެމެދު ވަރަށް އަވަހަށް ޒާތީ މައްސަލަތަކެއް ފެށުނެވެ. މާލޭގައި ދީނީ ތަޤްރީރު ދެއްވުމާއި މަޖީދިއްޔާ ސްކޫލުގެ ދަރިވަރުންނަށް އަގުހުރި ނަޞޭޙަތް ދެއްވުމުގައި އޭނާ ބުރަ މަސައްކަތްތަކެއް ކުރެއްވުމުގެ ނަތީޖާއަކީ އާއްމުންގެ މެދުގައި އަބްދުއްރަހުމާންގެ މަގްބޫލުކަން އުފުލިގެން ދިއުމެވެ. ސަރުކާރުގެ ވެރިންނަށް މިކަން ވެގެންދިޔައީ ވޭނަކަށެވެ. ކޮންމެއަކަސް ޢަބްދުއްރަޙުމާނު ޤަބޫލުކުރައްވާ އުސޫލުތަކާއި ދިވެހިސަރުކާރު ޤަބޫލުކުރާ ގިނަކަންތައް ތަފާތުވެއެވެ.

އަދި އޭނާ އަށް ނުހައްގު އަދަބުތަކެއް ދެވި އަރުވައިލެވުނު ރަށް ކ.ވިލިގިލީގައި ޢަބްދުއްރަޙުމާނު އުޅުއްވާނެ ގެއެއް އަޅުއްވާދެއްވައި އެގޭގައި ޚިދުމަތްކުރާނެ މީހަކު ސަރުކާރުން ބެހެއްޓެވިކަމުގައިވެއެވެ.

މިޞްރުގެ ޖާމިއުލް އަޒުހަރުން ކިޔަވައި ވިދާޅުވުމަށް ފަހު ރާއްޖެ ވަޑައިގެންނެވުމުގެ ކުރިން އަބްދުއްރަހުމާން ހުންނެވީ އަލް އަޒުހަރުގެ ރުވާޤުލް ހުނޫދް (އިންޑިއަން ސަބް ކޮންޓިނެންޓަށް ނިސްބަތްވާ ދަރިވަރުންނާ ބެހޭ ޑިޕާޓްމަންޓް) ގެ ވެރިޔާގެ މަޤާމު ގައެވެ.

ދެ ފަހަރެއްގެ މަތިން މިޞްރުގައި މުޅިއެކު 27 އަހަރަށްވުރެ ގިނަދުވަސް އޭނާ ހޭދަ ކުރެއްވިއެވެ. މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ލިޔުއްވި ދަރިއެއްގެ ޝުކުރު މި ފޮތުގައި އޭނާ ބަޔާން ކުރައްވާފައިވަނީ އަބްދުއްރަހުމާން މިސްރުގައި ތިރީސް އަހަރަށް ވުރެ ގިނަ ދުވަސް ހޭދަ ކުރެއްވި ކަމަށެވެ.

ޝައިޚް އަބްދުއްރަހުމާނު ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކުރެއްވީ އުމުރުފުޅުން 61 އަހަރުގައި 8 ޑިސެމްބަރ 1936 ވީ އަންގާރަ ދުވަހުގެ ހަވީރުއެވެ. ފަސްދާނުލެވިފައިވަނީ ކ.ވިލިގިލީގެ ކުރީގެ މިސްކިތުގެ ގޯތި ތެރޭގަ އެވެ. މިހާރު ވިލިގިލީގެ ހުރަސް ބޮޑުމަގަށް ޝައިޚް އަބްދުއްރަހުމާން ހިނގުމުގެ ނަން ދިނުމާއި ވިލިގިލީގެ ޕްރީ ސްކޫލަށް ޝައިޚް އަބްދުއްރަހުމާން ޕްރީ ސްކޫލޭ ކިޔައި ނަންދީފައި ވަނީ އަބްދުއްރަހުމާންގެ ހަނދާނުގައެވެ. ވިލިގިލީގައި އަބްދުއްރަހުމާން އަވަހާރަވުމުން އޭނާގެ މިސްރު އަނބިކަމަނާ އާއި ދެ ބޭފުޅުން ސަރުކާރުގެ ޚަރަދުގައި މިޞްރަށް ފޮނުއްވައިދެއްވިއެވެ.

0 comments:

Post a Comment

mohamed saadhim © 2008 Template by:
SkinCorner