WELLCOME

Ramadan Karim Greetings To All

Tuesday, August 18, 2009

މިރަށަށް ފޭބުމާއެކު އަޅުގަނޑަށް ވަރަށް ބޮޑަށް އޮޅިފައިވާ އެއްކަމެއް ސާފުވެއްޖެ

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ބަނދަރު ސަރަހައްދަކީ ވަރަށް ސާފުކޮށް ރީތިކޮށް ބަލަހައްޓަމުން ގެންދާތަނެކެވެ. މިގޮތައް ބަނދަރު ސަރަހައްދު ރީތިކޮށް ސާފުކޮށް ގެންގުޅޭ ރަށްރަށުގެ މީހުން ބުނާގޮތުން ބަނދަރު ސަރަހައްދު ސާފުކޮށް ބޭއްވުމުގެ އެއްމެ މުހިއްމު އެއް ބޭނުމަކީ ރަށަށް ޒިޔާރަތްކުރާ މީހުންނަށް ރަށުގެ ސާފުތާހިރުކަމާއި، ޒީނަތްތެރިކަން ދެއްކުމެވެ.

އަޅުގަނޑުމެންގެ ރަށުގެ މޫނުމަތިކަމަށްވާ ބަނދަރު ސަރަހައްދުގެ އޮތް ބޮޑު ބިމުގެ ވާހަކަ މިތާނގައި އިތުރަށް ލިޔުމުގެ ބޭނުމެއްނެތެވެ. ބިން އެގޮތައް އޮންނަތާ މިހާރު މިވަނީ 15 އަހަރެވެ.

ދާދި ފަހުން މިރަށު ބަނދަރުގައި އަޅާފައި އޮތް އެސްޓީއޯ ބޯޓެއްގެ ކެޕްޓަނަކު އަޅުގަނޑާއި ދިމާވެގެން އައްޑު އަތޮޅުގެ މަޝްހޫރުކަމާއި ބެހޭގޮތުން ވާހަކަދެއްކިއެވެ. އައްޑު އަތޮޅުގެ ތަރައްޤީއާއި ބެހޭގޮތުން އޭނާއަށް ލިބިފައިވާ މަޢުލޫމާތުތަކާއި ބެހޭގޮތުން ވާހާކަދައްކަމުން އޭނާ ބުނީ މިރަށަށް ފޭބުމުން އޭނާއަށް ވަރަށް ބޮޑަށް އޮޅިފައިވާ އެއްކަމެއް ސާފުވެއްޖެކަމަށެވެ. އޭނާ ބުނީ މިރަށަށް ފޭބުމުގެ ކުރިން އޭނާއާށް ގަބޫލުކުރެވިފައި އޮތީ މިއަތޮޅުގެ ރަށްރަށަކީ ވަރަށް ތަހުޒީބު ހޭލުންތެރި ބަޔަކު ދިރިއުޅޭ ރަށްތަކެއް ކަމަށެވެ. އެހެންނަމަވެސް މިރަށުގެ ނެރުން އެތެރެވެ، ރަށަށް ފޭބުމާއެކު އެއީ ހަޤީގަތެއް ނޫންކަން އޭނާއަށް ގަބޫލުކުރެވުނުކަމަށް ބުންޏެވެ. ރަށުގެ ބަނދަރު ސަރަހައްދު އޮތްގޮތުން މިރަށަކީ މީހުންދިރިއުޅޭ ރަށެއްކަމަށް ޤަބޫލުކުރަން އުނދަގޫވިކަމަށްވެސް އޭނާ ބުންޏެވެ. އޭނާއާއި ބައްދަލުވީ މީދޫ އޮފީހުން ކަމަށްވުމާއެކު މީދޫ އޮފީހާއި ބެހޭގޮތުންވެސް ސުވާލުކުރިއެވެ. އޮފީސް ރީތިވެގެނެއްނޫނެވެ. ރަށަށް ޒިޔާރަތްކުރި މެހުމާނެއްގެ ފަރާތުން އެފަދަ ވާހަކަތަކެއް އަޑު އިވުމުން ލަދުގަތެވެ. އެހެންނަމަވެސް ހަޤީގަތާއި ދެކޮޅަކަށް ދައްކާނެ ވާހަކައެއްނެތެވެ.

ބަނދަރު ސަރަހައްދު ތަރައްޤީ ކުރުމާއި ބެހޭގޮތުން ތަފާތު ވާހަކަތައް ދެކެވިފައި ހުރިކަން އަޅުގަނޑަށް އެނގެއެވެ. ނަމަވެސް މިހިސާބަށް ބަނދަރާއިބެހޭގޮތުން ދެކެވިފައިވާ ވާހަކަތަކަށް ބަލާއިރު ހުރިހާކަމެއް ގޮސް ނިމިފައި އޮތީ ސަރުކާރާއި ހިސާބުންނެވެ. މިގޮތައް 15 އަހަރު ވޭތުވެގެންދާއިރުވެސް އަޅުގަނޑުމެން މިތިބެނީ ސަރުކާރުން އެތަނުގައި ހައިބަތު ބޮޑު މިސްކިތެއް އިމާރާތްކޮށްދޭނެ ކަމަށެވެ. ނުވަތަ ސަރުކާރަށް ފެންނަގޮތަކަށް އެތަން ތަރައްޤީ ކޮށްދެއްވާނެކަމަށް ބަލަބަލައެވެ. މިހެންބަލަބަލާ ތިއްބާ މި 5 އަހަރުވެސް ހިނގައިދާނެއެވެ.

މިރަށަށް ޒިޔާރަތްކުރާ މީހުންނަށް މިރަށަކީ ފަޅުރަށެއްކަމަށް ހީވެ، ރަށަށް އަރަން ނުކެރި އެނބުރި ދިއުމުގެ ކުރިން ރަށުގެ ބަނދަރު ސަރަހައްދު ތަރައްޤީކޮށް މީހުން ދިރިއުޅޭ ރަށެއްގެ ސިފަ މިރަށަށް ގެންނަން އެބަޖެހެއެވެ. މިކަން ކުރެވޭނީ މިރަށުގެ ރައްޔިތުންނަށެވެ. މާލޭއިން ބަޔަކު އައިސް މިރަށުގެ ބަނދަރު ސަރަހައްދު ތަރައްޤީ ކޮށްދޭނެކަމަށް ބަލަބަލާ ތިބެން ވެއްޖެނަމަ އެދުވަހެއް ނައަންނާނެއެވެ. މިކަން ކުރުމަށް ބޭނުންވަނީ އެއްބައިވަންތަކަމެވެ. ރަށަށްޓަކައި ގުރުބާންވާނެ ޖޯޝު ހުރި ޒުވާންނުންނެވެ. މީދޫގެ ބަނދަރު ސަރަހައްދު ތަރައްޤީ ކުރަންވީ ގޮތާއި، ކުރެވޭނެގޮތް ހޯދަންވީ އަޅުގަނޑުމެން މީދޫގެ ރައްޔިތުންނެވެ. ރައްޔިތުން އެއްމެން ނުކުމެ މިވެނިގޮތަކަށް މިކަން އަހަރަމެން ކުރާނަމޭ ބުނެފައި އެކަމެއް ކުރަން ފަށައިފިނަމަ ދެން ސަރުކާރަށްވެސް މަޖްބޫރުވާނީ ރައްޔިތުން އެދޭގޮތައް ރައްޔިތުންގެ މަސައްކަތައް އެހީވާށެވެ. މިގޮތައް މަސައްކަތް ކުރުމަށް އަޅުގަނޑުމެން އެއްމެނަށް އެއްބަސްވެވިއްޖެނަމަ ދާދި އަވަހަށް މީދޫގެ މަލަމަތި ރީތިވެގެން ހިނގައިދާނެއެވެ. މީދޫއަކީ މީހުން ޒިޔާރަތްކުރާހިތްވާ ރަށަކަށްވެދާނެއެވެ.

0 comments:

Post a Comment

mohamed saadhim © 2008 Template by:
SkinCorner